Last Updated: October 1, 08:42
Saturday, October 1, 2022
ދުނިޔެ

ބުރްކީނަ ފާސޯއަށް ބަޣާވާތެއް ގެނެސް ލީޑަރު ދުރުކޮށްފި

އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނަ ފާސޯގައި އަސްކަރިއްޔާ އިން އަނެއްކާވެސް ބަޣާވާތްކޮށް އެގައުމުގެ ވެރިކަމުގައި ހުރި މިލިޓަރީ ލީޑަރު މަގާމުން ދުރުކޮށްފި އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުން ދެމުންދާ ހަމަލާތައް ނުހުއްޓުވޭ ކަމަށް ބުނެ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކޮށްފައި އޮތް ސަރުކާރު މި އަހަރުގެ ޖެނުއަރީ މަހު ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމުގެ މަގާމާ ހަވާލުވީ މިލިޓަރީ ލީޑަރު ޕޯލް ހެންރީ ޑަމީބާ އެވެ.

ނަމަވެސް އިއްޔެ ޑަމީބާ މަގާމުން ދުރުކުރުމަށްފަހު މިހާރު އެގައުމުގެ މިލިޓަރީ ލީޑަރުކަމާ ހަވާލުވެފައިވަނީ އިބްރާހިމް ޓްރައޯރޭ އެވެ.

ބުރްކީނަ ފާސޯގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަމުން ޓްރައޯރޭ ބުނީ ޑަމީބާ މަގާމުން ދުރުކުރީ ހަނގުރާމަވެރި ޖަމާއަތްތަކުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އޭނާ ވެސް ނުކުޅެދިފައިވުމުން ކަމަށެވެ. ބުރްކީނާ ފާސޯގައި ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއެއްގައި މިދިޔަ ހޯމަ ދުވަހު އެގައުމުގެ އަސްކަރިއްޔާގެ 11 ސިފައިން ވަނީ މަރުވެފަ އެވެ. އެކަމާ ގުޅިގެން ޑަމީބާ މަގާމުން ދުރުކުރަން ގޮވާލާ އެގައުމުގެ އާންމުން ވަނީ އެގައުމުގެ މަގުތަކުގައި މުޒާހަރާތައް ބާއްވާފަ އެވެ.

ބަޣާވާތެއް ގެނައުމަށްފަހު އެގައުމުގައި ސިޔާސީ ހުރިހާ ހަރަކާތްތައް ހިންގުން މިވަގުތު އޮތީ މަނާކޮށްފަ އެވެ. އަދި އެގައުމުގައި ކާފިއު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ބުރްކީނާ ފާސޯ އަށް 1960 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން 8 ފަހަރެއްގެ މަތިން ބަޣާވާތް ގެނެސްފައިވެ އެވެ.