ލ. ގަމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. އެސްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.

ޕްލޭނިން މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑިންގެ އުސޫލުން ގައުމުގައި ހައުސިން ޔުނިޓްތައް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގައުމުގައި އަޅާ 100 ހައުސިން ޔުނިޓްގެ މަޝްރޫއުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށެވެ.

އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.