މީގެ 20 އަހަރުފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރު ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރޭ "ޗެނަލް 13" ގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ އަގުހުރި ލީޑަރުންގެ ލިސްޓުގައި ޔާމީންގެ ނަން ނުލިޔެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މީގެ 20 ނޫނީ 30 އަހަރުފަހުން ޔާމީންގެ ތާރީހު ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ދުވަސް އަންނާނެ ކަމަށެވެ.
"ޔާމީންގެ ތަސައްވުރު، އެމަނިކުފާނު މި ގައުމާ ދޭތެރޭ ގެންގުޅުއްވި ވިސްނުން، އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތު އެއީ މާދަމާގެ ކިޔަވާ ކުދިން މި ގައުމު ބައްޓަން ކުރަން ނިކުންނަ ޒުވާނުންނަށް ރަނގަޅު ފިލާވަޅަކަށް ވާނެތީވެ އެކަން ރާއްޖޭގެ ޔުނިވާސިޓީތަކާއި މަދަރުސާތަކުގައި ކުރާތަން ދިރިތިބީންނަށް ފެނިގެންދާނެ" އަދުރޭ ވިދާޅުވި އެވެ.
މި ސަރުކާރުން ޔާމީނަށް ކުރާ އަނިޔާއަކީ މި ގައުމަށާއި ގައުމުގެ މިނިވަންކަމަށް ކުރާ އަނިޔާއެއް ކަމަށާއި އެ އަނިޔާ ނުކޮށް މިހާރުން މިހާރަށް ޔާމީން ދޫކޮށްލުމަށް އަދުރޭ ވަނީ ގޮވާލާފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ކުރީ ސަރުކާރުގައި ކޮރަޕްޝަނާއި އަނިޔާވެރިކަން ހިންގި ކަމަށް ބުނަމުން ކަމަށާއި ނަމަވެސް މި ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު ވެސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އެގޮތުން އެމްއެމްޕީއާރްސީ މައްސަލަ ވެސް ބެލިފައި އޮތީ ޔާމީންގެ ވެރިކަމުގައި ބެލުނު ވަރަށް ކަމަށާއި މި ސަރުކާރު އައިފަހުން ޔާމީނަށް އަނިޔާ ކުރުން ފިޔަވައި އިތުރު އެހެން އެއްވެސް ކަމެއް ނުކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި ބައެއް ފަރާތްތަކުން ކޯޓުގައި އެދުމުން ޖާމިނުވުމުގެ ފުރުސަތު ވެސް ލިބޭ ކަމަށާއި ނަމަވެސް އެ ފުރުސަތު ވެސް ނެތީ ޔާމީނަށް ކަމަށް އޭނާ ވިދާޅުވި އެވެ.