"އަހަރެއްގެ ތެރޭގައި މަދުވެގެން 80 ވަކަރަށް ކުދިން ފުރަތަމަ އަހަރު ސްކޫލުގައި ކިޔެވުން ގެންދެވޭނެގޮތަށް އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އެންމެ ފުރަތަމަ އިސްކަމެއްދޭނީވެސް މިހާރު ފްލައިންގ ޓްރެއިނިންގ ހަދަމުންގޮސް ނުނިމި ހުރި ކުދިންނަށް. އަޅުގަނޑުމެންގެ އަމާޒަކީ މިހާރު ނުނިމިހުރި ކުދިން މިއަންނަ އަހަރު ނިމުމުގެ ކުރިން އެކުންދިންގެ ޕްރޮގްރާމް އެއްކޮށް ނިންމާލުން."
އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފްލައިން ސްކޫލެއް ހިންގުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވިދާޅުވީ މިހެންނެވެ.
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ޙައްލެއް އަދިވެސް އޮތީ ނުލިބި އެވެ. އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ޙައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ގޮސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަސިފައެއް ނުޖެހި އޮތީ އެވެ. ބޮޑެތި ލޯނުތަކާއި އެކު ފޮނި އުއްމީދާއެކު ފެށި ކޯސް ނުނިމި އެތައް ދަރިވަރުންނެއް ތިބީ ގޮތް ހުސްވެފަ އެވެ. އާއިލާތަކުގެ ލޮލުން ކަރުނަ ނުހިކި އޮތް މި މައްސަލަގައި އަނެއްކާވެސް އުއްމީދުގެ އަލިކަމެއް ފާޅުވީ އެވެ.
ޕައިލެޓް ކޯސް މިހާރު ހަދާ ދަރިވަރުން ތިބީ ކޮން ހާލެއްގައި؟
" އަހަރެމެންގެ ކިޔަމުންދިޔަ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ، އަދި ކިޔަވާދިނުން ހުއްޓާލިއިރު ކޯހަށް ދެއްކި ފައިސާގެ ރީފަންޑް ނުލިބޭ. އެބަ ތިބި ބޮޑެތި ލޯނުތައް ނަގާފައި ތިބި ކުދިން. ވަޒީފާއަކަށް ނުގޮސް މިހެން ތިބެން ޖެހުމުންނާއި އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭންގުމުގެ ސަބަބުން އެ ދަރިވަރުންނަށް ވަނީ މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައި. ބައެއް ކުދިންނަށް ނަފްސާނީ ގޮތުން މައްސަލަތާ ކުރިމަތިވެފައިވޭ. މައިންބަފައިންނާއި އާއިލާގެ ބޮޑު ފިކުރަކަށް މިކަން ވަނީ ވެފައި، ބޮޑު ހޭދައެއް ކޮށް ކޯސް ނުނިމުނީމަ ކުދިންނަށް ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައި އެބަވޭ،" މިއީ މިހާރު ރާއްޖޭގައި ޕައިލެޓްކޯސް ހަދަން ފަށާ ކޯސް ނުނިމި ހުރި ދަރިވަރަކު ކިޔާދިން ވާހަކަތަކެވެ.
ޕައިލެޓްކަން ކިޔަވަމުންދަނިކޮށް ކިޔެވުން ހުއްޓިފައި ތިބި ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް %50 ދަރިވަރުން ވަނީ، ކޯހުގައި ފުރިހަމަ ކުރަންޖެހޭ އުދުހުމުގެ ވަގުތުގެ ތެރެއިން 150 ގަޑިއިރަށްވުރެ ގިނަ ގަޑިއިރު އުދުހުން ފުރިހަމަކޮށް ކޯހުގެ ނިމުމާ ހިސާބުގައި އެވެ. އެހެން ކަމުން ކޯސް ނިމެން ކައިރިވެފައިވަނިކޮށް ކޯސް ނުނިމި ގިނަ ދުވަސްތަކެއްް ލައިގެން ދިއުމަކީ ދަރިވަރުންނަށް ބޮޑު ދައްޗެކާއި ހިތްދަތިކަމެކެވެ.
● މިހާތަނަށް %80 ދަރިވަރުން ވަނީ ޕައިލެޓް ލޮގްބުކް ސްޓޭމްޕްކޮށް، އެންޑޯޒްކޮށްފައި.
● % 27ދަރިވަރުން އޭ.އޭ.އޭ. އާއެކު ކޯސް ކުރިއަށް ގެންދަން ބޭނުމެއް ނުވޭ. އަދި، % 52 ދަރިވަރުން އޭ.އޭ.އޭ. އާއެކު ކޯސް ކުރިއަށް ގެންދިޔުމާމެދު މައްސަލައެއް ނެތް ކަމުގައި ފާހަގަކުރޭ.
އޭ.އޭ.އޭ.އަށް އަށްވީ ކިހިނެތް؟
އޭ.އޭ.އޭ.އަށް އިން ހިންގަމުންދިޔަ ކޯސް ނުހިނގުމުގެ ގިނަ މައްސަލަތަކެއް ދިމާވި އެވެ. އެގޮތުން ކޯހުގައި ބޭނުންކުރި ބޯޓަށް ދިމާވި މައްސަލަ ހައްލު ނުކުރެވި ދިގުލައިގެންދިޔަ އެވެ. އަދި މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް އެވިޑް ކޮލެޖާއެކު އޭ.އޭ.އޭ.އިން އެއްބަސްވުމެއް ހަދައިގެން ވެސް އެކަމުގައި މާބޮޑު ކާމިޔާބީއެއް ނުލިބެ އެވެ. އެހެން ކަމުން އެވިޑް ކޮލެޖާއެކު އޭ.އޭ.އޭ.އިން 2021 ޖޫން 22 ގައި ސޮއިކުރި ލީޒް އެގްރިމަންޓް 2021 ސެޕްޓެންބަރު 18 ގައި އެވިޑް ކޮލެޖުން ބާޠިލް ކޮށްފައިވެ އެވެ.
ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީންއާ ގުޅިގެން އާ ފްލައިން ސްކޫލެއް އައްޑޫގައި
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އާ ފްލައިން ސްކޫލެއް އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގަން ފަށާނެއެވެ. އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ މި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީއަކީ އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީންކުރުމުގައި 30 އަހަރުވެފައިވާ، ތަޖުރިބާހުރި އެކަޑަމީއެކެވެ. މި އެކަޑަމީން މިހާރުވެސް ދިވެހި ދަރިވަރުން ތަމްރީންކުރަމުންދެ އެވެ.
މިހާރު ހާލުގައި ޖެހިފައި ތިބި ކުދިންނަށް އުއްމީދަކަށް ވަނީ ކީއްވެ؟
މި ފްލައިން ސްކޫލް އުއްފައްދަން ޖެހުނު ސަބަބަކީ މިހާރު ރާއްޖޭގައި ޕައިލެޓުކަން ކިޔަންވަން ފަށައި ހުއްޓިފައި ތިބި ކުދިންގެ ކަންބޮޑުވުންތައް ކަމަށް ބުނެވިދާނެ އެވެ. އެ ދަރިވަރުން އެކަމުގެ ކަންބޮޑުވުންތައް ހިފައިގެން ނުދާ އެއްްވެސް ތަނެއް މިހާރަކު ނެތެވެ. އެންމެ ފަހުން ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދެއްވާނެ ކަމަށް ވައުދުވެޑައިގެންފަ އެވެ. އެގޮތުން ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމުގައި މި މަހު ރައީސް ޞާލިޙް ވިދާޅުވި އެވެ. އޭގެ ފަހުން ފްލައިން ސްކޫލެއް އުފައްދަން އެއްބަސްވި ރަސްމިޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވެސް ވަނީ އެކަން ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ. އަލަށް އުފައްދާ ކުންފުނިން ހިންގާ ފްލައިން ސްކޫލުން އެންމެ އިސްކަމެއް ދޭނީ އެ ދަރިވަރުންނަށް ކަމަށާއި އެކުދިންގެ ކޯހުގެ ފީއާމެދު ވެސް ހާއްސަ ގޮތަކަށް އަމަލުކުރާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
President @ibusolih states that government is working on resuming the course interrupted due to problems at Addu Flying Academy https://t.co/ucYWjDVbYr
— The President's Office (@presidencymv) October 10, 2021
ކުދިންނަށް ދިމާވެފައިވާ މާލީ ދަތިތައް ޙައްލުކޮށްދެއްވުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. އަދި މިހާތަނަށް ވެސް ބައެއް އެހީތެރިކަން ފޯރުކޮށްދީ ނުތަނަވަސްކަމަށް ހައްލެއް ހޯދާ ދީފައިވެ އެވެ. އެގޮތުން ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަންޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންކަމުގައި ކަނޑައަޅާފައ އެވެ. އަދި މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
އެހެން ކަމުން ރާއްޖޭގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރިންނަށް ދިމާވި ބޮޑެތި މައްސަލަތަކުގެ ހައްލަކަށް އަލަށް ހަދާ ފްލައިން ސްކޫލް ވެގެންދާނެ ކަަމަށް އެ ދަރިވަރުން ތިބީ އުއްމީދުކޮށްގެންނެވެ. އެކަމު އުއްމީދު އާއިލާތަކުގެ ބޮޑުއިރު ސަރުކާރުން އޮތީ މިއީ އެކަމުގެ ހައްލުކަން ޔަގީންކޮށްގެނެވެ.