ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލުން ހަވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެތުލެޓިކޯ މެޑްރިޑްގެ ހިތްގައިމު ސްޓޭޑިއަމް ވަންޑަ މެޓްރޮޕޮލިޓާނޯގައި މިރޭގ ކުޅުނު ފައިނަލް މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލަކީ ޔޫރަޕްގައި އެންމެ ކާމިޔާބު އިނގިރޭސި ކްލަބެވެ. އެޓީމުން ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ 2005 ވަނަ އަހަރުގައެވެ. އިސްތާންބޫލްގައި އެއަހަރު ކުޅުނު ފައިނަލަށްފަހު ލިވަޕޫލްގެ ނަން ޔޫރަޕްގައި ފަނޑުވިއެވެ.

ލިވަޕޫލުން 2005 ވަނަ އަހަރު ތަށި އުފުލާލަނީ ---

އެހެން ނަމަވެސް މިދިޔަ ދެތިން އަހަރަކީ ލިވަޕޫލްގެ އެނބުރި އައުމޭ ބުނެވިދާނެއެވެ. މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލް މެޑްރިއަތުން ބަލިވި ނަމަވެސް، އެ ޓީމަށް ލިބުނީ ބޮޑު ހިތްވަރެކެވެ. ޖެހިޖެހިގެން ދެވަނަ އަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް މިރޭ ލިވަޕޫލް ނުކުތީވެސް ފެވަރިޓުންގެ ގޮތުގައެވެ.

ޓޮޓެންހަމްއަށް މިއަހަރު ޔޫރަޕް ދަތުރުވީ ހުވަފެނީ ދަތުރަކަށެވެ. ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށް، ހައިރާން ކުރުވަނިވި ގޮތަކަށް ސިޓީ ކަޓުވާލާ ތާރީހީ ފައިނަލަށްވެސް ދަތުރުކުރިއެވެ. އިނގިރޭސިވިލާތުން 80،000 އެއްހާ ސަޕޯޓަރުން މިރޭގެ މެޗަށް ސްޕެއިންއަށް ދިޔަ އިރު، ޓޮޓެންހަމްގެ 40،000 ސަޕޯޓަރުން ދެކެން ބޭނުންވީ، ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ރަސްކަން ހޯދުމަށެވެ.

މެޗުގެ ފުރަތަމަ މިނެޓްގައި ލިވަޕޫލަށް ޕެނެލްޓީއެއް ލިބި، އޮއެވަރު ބަދަލު ވެގެންދިޔައެވެ. ސަޑިއޯ މާނޭގެ ހަމަލާއެއް، އޭރިއާ ތެރޭގައި ހުރި ސިސޯކޯ އަތުގައި ޖެހުމުން ރެފްރި ދިން ޕެނެލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ.

ލިވަޕޫލްއިން މެޗުގެ ޓެމްޕޯ ހިފަހައްޓައިގެން ކުޅުނު އިރު، ފުރަތަމަ ހާފްގައި ހަމަލާތައް މަދުކަން ފާހަގަކޮށްލެވުނެވެ. އެއްވެސް ޓީމެއްގެ ޑިފެންސަށް ނުރައްކާވެފައި ނުވާ އިރު، ފުރަތަމަ ހާފްގެ ފަހުކޮޅުގައި ލިވަޕޫލްގެ ރޮބަޓްސަން ދުރުން ފޮނުވާލި ބާރު ހަމަލާއެއް ފާހަގަކޮށްލެވުނެވެ. އެ ހަމަލާ ހުށިޔާރުކަމާއެކު ދިފާއުކުރީ ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއެވެ.

ދެވަނަ ހާފް ފެށީ މަޑު ރާގެއްގައެވެ. ދެޓީމުންވެސް މާބޮޑަށް އެޓޭކް ކުރަން މަސައްކަތް ކުރިތަނެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް މަޑު މަޑުން ހަމަލާތައް އުފައްދަން ދެޓީމުންވެސް މަސައްކަތް ކުރިކަން ފާހަގަކޮށްލެވުނެވެ. މެޗުގެ ފަހުކޮޅަށް ދިޔައިރު، މަޑުމަޑުން ފުރުސަތުތައް އިތުރުވަމުންދިޔަ އިރު، ލިވަޕޫލްގެ މިލްނާގެ ހަމަލާ ފާހަގަކޮށްލެވުނެވެ.

އޭގެ އިތުރުން ޓޮޓެންހަމްއިން ދެފަޅިން ނަގަން ފެށި ހުރަސްތަކާއެކު މެޗުގެ އޮއެވަރު ކޮންމެވެސް ވަރަކަށް ބަދަލުވަމުންދިޔައެވެ. ޓޮޓެންހަމްއަށް ހަނި ފުރުސަތުތައް ފަހުވަމުންދިޔަ ނަމަވެސް، އެޓީމަށް ސީދާ އެޓޭކްތައް ކުރެވޭ ގޮތެއް ނުވިއެވެ. ހިއުން މިއުން ސޮންގެ ބާރު ހަމަލާއެއް އެލިސަން ބެކާ ޕަންޗު ކޮށް ބޭރު ކޮށްލި އިރު، ސެމީ ފައިނަލްގައި ޓޮޓެންހަމްއަށް ހެޓްރިކް ހަދައިދިން ލޫކަސް މޯރާގެ ހަމަލާއެއްވެސް ފެނިގެންދިޔައެވެ.

މިރޭގެ މެޗަށް ލޫކަސް މޯރާ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މެޗު ނިމެން ފަސް ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުމެއްގައިވެސް ނުރައްކާ ކުރިތަން ފެނިގެން ދިޔައެވެ. އެރިކްސަންގެ ހިލޭ ޖެހުން އެލިސަން ބެކާ މަތަކޮށް ބޭރުކޮށްލިއެވެ.

ޓޮޓެންހަމްއަށް ރަނގަޅު ހަމަލާތަކެއް ނޫފެއްދުމުގެ ނަތީޖާއަކަށްވީ ލިވަޕޫލުން މެޗުގެ ލީޑު ފުޅާކުރުމެވެ. ލިވަޕޫލުން ޗެމްޕިއަންސް ލީގު ޔަގީން ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑު މައްޗަށް ނުކުތް، ޑިވޮކް އޮރީގީގެ ރީތި ނިންމާލުމާއެކު، ނަތީޖާ 2-0އަކަށް ބަދަލު ކޮށްލައިގެންނެވެ.

މީގެ ކުރިން އެންމެފަހުން އިނގިރޭސި ޓީމަކުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވަނީ 2012 ވަނަ އަހަރުއެވެ. އެއީ ޗެލްސީއެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އިނގިރޭސި ދެޓީމު ދިޔުމަކީ އިނގިރޭސި ފުޓުބޯޅައަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް

    މި އަޅެ ފަހެ ބްރޭކިންގް ނިއުސް އެއް ތަ؟

    7
    12
  2. ރަދީފް

    މަރުހަބާ ލިވަޕޫލް! މަރުހަބާ މައުމޫން ޢޤ!

    16
    1
  3. އެއްކަލަ

    ޔަހްޔާއަށް ކާޅެއް. މިހާ ހަޑި ޗެމްޕިއަންސް ލީގް ފައިނަލް މެޗެއް އަދި ނުދެކެން. ހާދަ ކުޅުން ހަޑިއޭ. ހަމަ ބޮޑު ބޯޅަ ތަޅަނީ.

    2
    5
    • ހުސޭނުބޭ

      ޔަހުޔާއަށް ކާޅެއް ހިފޭނީ އެއްމެ ފަހަރަކު! އެކަމަކު 6 ފަހަރު ހިފީމާ އެނގޭ އަދި އަދައިގެ ކަމެއް ނޫންކަން!