ޕަވަބޯޓިންގެ ހަރަކާތެއް ---

ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަކީ ފަތަން ދަންނަ ބަޔަކަށް ހެދުމަށް ނިންމާ، ރާއްޖެއަށް ޕަވަބޯޓް ކުޅިވަރު ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު، މިއަދު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަމުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރައްވާ ގިނަ މަސައްކަތްތަކެއްގެ ވާހަކަ ވިދާޅުވެފައި ވެއެވެ.  އަދި އެ މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ވާހަތައްވެސް ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުއްލި މަރުތައް ގިނަވެފައިވާ އިރު، އެކަމަށް ރިއާޔަތްކޮށް މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވާއިދާ އޮތުމުން އެކަނި، ކަންކަމުން ފުރިހަމައަށް ރައްކާތެރި ނުވެވޭނެ ކަމަށެވެ. އަދި އަމިއްލައަށް އެކަމަށް މަސައްކަތްތަކެވެސް ކުރަން ޖެހޭ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޕްލާސްޓިކާ ދުރުވުމަށް ކުރާ މަސައްކަތް ފަދައިން، އަމިއްލަ ފަރުދީ ރައްކާތެރިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ މުއައްޒަފުންނަކީ ފަތަން ދަންނަ ބަޔަކަށް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި ފެތުމުގެ ތެރެއިން ޓޫރިޒަމް ޕްރޮމޯޓް ކޮށް، ރާއްޖެއަށް ފަތާލަން އަންނަ ޓޫރިސްޓުންނަށް ހާއްސަ މަންޒިލަކަށް ރާއްޖެ ހަދަން މަސައްކަތް ކުރާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވަން މިނިސްޓަރުގެ ޝައުގު ހުރިކަން ކުރިންވެސް ފާހަގަކުރައްވާފައިވާ އިރު، އޭގެ ދަށުން އަންނަ އެޑްވެންޗާ މޫދު ކުޅިވަރެއް ކަމަށްވާ،  ޕަވަބޯޓް ރާއްޖެއަށް ތައާރަފްކޮށް، އެކަމަށް ހާއްސަކޮށް ލަންކާގައި އޮންނަ މުބާރާތެއްގައި ރާއްޖޭގެ ޒުވާނުން ބައިވެރިކުރަން މަސައްކަތް ކުރާ ކަމަށްވެސް އަލީ ވަހީދު މިއަދުގެ ޕްރެސްގައި ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާހައުލު ބަލާ ދިރާސާކޮށް، ރާއްޖޭގެ މާހައުލުން ޕްރޮމޯޓް ކުރެވިދާނެ ކުޅިވަރުތައް ހޯދާ ބަލަމުންދާ ކަމަށެވެ. އަދި ބޯޗު ވޮލީއާއި ބީޗު ފުޓުބޯޅަ ފަދަ ކުޅިވަރުތައް އިތުރު ކުރަން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޕަވާ ބޯޓިންއަކީ ވަރުގަދަ އިންޖީނެއް އަޅާފައިވާ ހާއްސަ ބޯޓެއްގައި ކުރިއަށް ގެންދާ ހާއްސަ ކުޅިވަރެކެވެ. އެ ކުޅިވަރަކީ އޮލިމްޕިކްސްގައިވެސް ކުރިއަށް ގެންދާ ކުޅިވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުރަތަމަ އަލީވަހީދައް ދަސްކޮއްދީ؟

  2. 100 ދުވަހުގެ ވައުދެއް؟

  3. އެންވަޔަރަމަންޓް ގްރެންޑްލީ ކަމެއްބާ!